ސ.ފޭދޫގެ ރައްޔިތުންނަށް، "ކިޗަން ފަޔަރ ސޭފްޓީ" ސެޝަންއެއް ކުރިއަށްގެންގޮސްފި

ތާރީޚް: 17-03-2023, 21:00


އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑުގައި ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2023"ގެ ހަރަކާތުގެ ތެރެއިން، ސ.ފޭދޫގެ ރައްޔިތުންނަށް، "ކިޗަން ފަޔަރ ސޭފްޓީ" ސެޝަންއެއް ކުރިއަށްގެންގޮސްފިއެވެ.

ސ.ފޭދޫ ވޮލީކޯޓްގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ސެޝަންގައި އެ ރަށުން 15 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ސެޝަންގައި ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. 

މި ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދިނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.