އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ.ގަމުގައި ހިންގި މޫދު ކަސްރަތު ޕްރަޮގްރާމް ނިންމާލައިފި

ތާރީޚް: 17-03-2023, 23:25


އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.ގަމު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ހިންގި " މޫދު ކަސްރަތު" ޕްރަޮގްރާމް ނިންމާލައިފިއެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ލ.ގަމު ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމްގައި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށާއި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މީގެ އިތުރުން ކޯހުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެެވެ.


ތިން ގުރޫޕަކަށް ބަހާލައިގެން ލ.ގަމުގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ފުރިހަމަކުރެއްވި ކަނބަލުންގެ ތެރެއިން އެންމެ މޯޓިވޭޓެޑް ފަރާތަކަށް ދޭ "ސިއްތިމާވާ އެވޯޑް" ހާސިލުކުރައްވާފައި ވަނީ ފާޠިމަތު ފަޒުނާ، ސިތާރާ މުޙައްމަދު އަދި ފާޠިމަތު ރިޝްފާ އެވެ. އަދި އެންމެ ބަރުދަން ލުއިކުރި ފަރާތަށް ދޭ "ހަށިލުއި އެވޯޑް" ހާސިލުކުރައްވާފައި ވަނީ ފާޠިމަތު ފަޒުނާއާއި އައިޝަތު ރިސާލާގެ އިތުރުން ނަސީމާ ޢަލީ އެވެ. މި ޕްރޮގްރާމްގެ މުއްދަތުގައި އެންމެ ބަރުދަން ލުއިކުރި ފަރާތަކަށް ހޮވިފައި ވަނީ ފާޠިމަތު ފަޒުނާ އެވެ. ފާޠިމަތު ފަޒުނާ ވަނީ މިޕްރޮގްރާމްގެ މުއްދަތުގައި 9 ކިލޯ 800 ގްރާމް ލުއިކޮށްފައެވެ.


2023  ޖަނަވަރީ 15 އިން ފެބްރުވަރީ 28 އަށް ހިންގި މި ޕްރޮގްރާމްގައި 80 ޕަސެންޓް ހާސިލުކޮށްގެން 120 ކަނބަލުން ވަނީ ސެޓްފިކެޓް ހާސިލުކުރައްވާފައެވެ. މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުކުރަންވީ ރަނގަޅުގޮތްތަކާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށްވަނީ މަޢުލޫމާތު ދެއްވާފައެވެ.

 

މި ޕްރޮގްރާމްގެ ތެރެއިން ފެބްރުވަރީ 17 އިން 18 އަށް ފަސްޓްއެއިޑް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި، ފުރަތަމައެހީ ދޭންޖެހޭ އެކިއެކި ހާލަތްތަކުގައި، ނަފްސުގެ އިތުބާރާއެކު ފުރަތަމައެހީ ދޭނެގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުގެ މަޢުލޫމާތު ވަނީ ދީފައެވެ. މި ދެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރައްވާފައި ވަނީ ޖުމްލަ 86 ކަނބަލުންނެވެ.

 

ލ.ގަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުލާސްތައް ނަންގަވައިދެއްވީ މިދާއިރާއިން ތަޢުލީމާއި ތަމްރީނާއި އަދި ތަޖުރިބާ ހޯއްދަވާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތްކުރައްވާ ސިފައިންނެވެ. މިގޮތުން މި ޕްރޮގްރާމްގައި އެ އޭރިއާ ކޮމާންޑްގެ 10 މުދައްރިބުން ބައިވެރިވެލެއްވިއެވެ.

 
މި ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރި މެހެމާނުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި މިނިސްޓަރ އޮފް ޑިފެންސްގެ މިލިޓްރީ ސެކެރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް އަޙްމަދު ފާތިޙްގެ އިތުރުން ލ.ގަމު ކައުންސިލް އިދާރާގެ އިސް ބޭފުޅުންނާއި ޕްރޮގްރާމްގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.