މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023ގައި ހޮވި، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތުލީޓް އޮފް ދަ އިޔަރގެ މަޤާމު، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ޙަސަން ސާއިދަށް ލިބިއްޖެ

ތާރީޚް: 18-03-2023, 23:29


މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023ގައި ހޮވި، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތުލީޓް އޮފް ދަ އިޔަރގެ މަޤާމު، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ޙަސަން ސާއިދަށް ލިބިއްޖެއެވެ.

އެތުލީޓް އޮފް ދަ އިޔަރގެ މަޤާމު ސްޓާފް ސާޖަންޓް ޙަސަން ސާއިދަށް ލިބިފައިވާއިރު ސާއިދު ވަނީ 2022 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވި އެކި މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެތެރޭގައި ޤައުމީ ކަސްރަތު މުބާރާތުގެ 100 މީޓަރ 200 މީޓަރ 400 މީޓަރ އަދި 4X400 އާއި 4X100 މީޓަރުން ގޯލްޑް މެޑެލް ހޯދައި މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަޤާމު ހޯދިއެވެ. ހަމައެއާއެކު މިދިޔަ އަހަރު ބޭއްވި އެސޯސިއޭޝަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރ 200 މީޓަރ 400 މީޓަރ އަދި 4X400 މީޓަރުން ގޯލްޑް މެޑެލް ހޯދައި އެ މުބާރާތުގެ ވެސް އެންމެ މޮޅު އެތުލީޓުގެ މަޤާމު ހޯދިއެވެ.

މީގެއިތުރުން މައިލޯ ނޭޝަނަލް ގްރޭޑް ޕްރިކްސްގެ 100، 200 އަދި 400 މީޓަރ ދުވުމުންވެސް ގޯލްޑް މެޑަލް ވަނީ ހޯދާފައެވެ.

2022 ވަނަ އަހަރު ސްޓާފް ސާޖަންޓް ޙަސަން ސާއިދު ރާއްޖެއިން ބޭރުގައި ވާދަކޮށްފައިވާ މުބާރާތްތަކުގެ ތެރޭގައި ވޯލްޑް އެތުލެޓިކްސް އިންޑޯރ ޗެމްޕިއަންޝިޕް، ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް، ކޮމަންވެލްތު ގޭމްސް އަދި އިސްލާމިކް ސޮލިޑަރިޓީ ގޭމްސް ހިމެނެއެވެ. މީގެ އިތުރުން ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފުރަތަމަ ރައުންޑަށް ކޮލިފަވެފައި ވެއެވެ.