އެމްއެންޑީއެފާއި އިންޑިއާގެ ނޭވީ ގުޅިގެން ހިންގި "އެކްސަސައިޒް އެކަތަ" ނިންމާލައިފި

ތާރީޚް: 03-07-2023, 03:50


އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ހިންގި "އެކްސަސައިޒް އެކަތަ 2023" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ޖުލައި 2 ވަނަ ދުވަހު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

2023  ޖޫން 4 ވަނަ ދުވަހުން ފެށިގެން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒްް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެކްސަސައިޒްގައި ބައިވެރިވި އިންޑިއާ އަސްކަރިއްޔާގެ ޓްރެއިނިންގ ޓީމަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޯސްޓްގާޑް ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މީގެ އިތުރުން ތަމްރީނުގައި ބައިވެރިވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ކަމިޝަނަރ، ޝްރީ މަޔަންކް ސިންގްއެވެ. އެކްސަސައިޒް ކުރިއަށްދިޔަ ގޮތުގެ ރިޕޯޓް އިއްވައިދެއްވީ އިންޑިއާ ނޭވީ ޓްރެއިނިންގ ޓީމުގެ ޓީމް ލީޑަރ, ލެފްޓިނެންޓް ކޮމާންޑަރ ސޯރަބް މަލިކެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ސިފައިންނާއެކު އިންޑިއަން ނޭވީގެ މެރިން ކޮމާންޑޯސް ބައިވެރިވި މި އެކްސަސައިޒްގައި ފަޔަރިންގ، އެކްސްޕްލޯސިވް ޑިމޮލިޝަން، ޑައިވިންގ، ރީބްރީދަރ ޑައިވިންގެ އިތުރުން ކޮމްޕެޓިޓިވް ސެލްފް ޑިފެންސް ޓެކްނިކް ފަދަ ބައިތައް ވަނީ އުނގެނި ފަރިތަކޮށްފައެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ފަސީހްއާއި، އިންޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކެޕްޓަން މަހޭޝް ސީ މޯޑްގިލްއާއި، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ބައެއް އޮފިސަރުންނާއި ކޯސްޓްގާޑުގެ އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.