އިންޖީނު ހުއްޓުނު ފެރީއެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 20-07-2023, 21:32


އިންޖީނު ހުއްޓުނު ފެރީއެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ލިއޯ ޓްރޭޑިންގގެ މި ފެރީ، ހއ.ގައްލަންދޫގެ 3 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:14 ހާއިރެވެ. މިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެރީ އޮތް ސަރަހައްދަށް ދަތުރުކޮށްފައެވެ.

ފެރީގައި ޖުމްލަ 9 މީހުން ތިބިއިރު، އޭގެތެރެއިން 6 މީހުންނާއި ކުޑަކުއްޖަކު ވަނީ ސީ އެމްބިއުލަންސްއަށް ނަގައި، އެ މީހުން ދަތުރުކުރަމުން ދިޔަ ރަށްތަކަށް ގެންގޮސްދީފައެވެ. މިގޮތުން، ހއ. އިހަވަންދޫއަށް ދަތުރުކުރަމުންދިޔަ މީހުން މިއަދު 16:32 ހާއިރު، އަދި ހއ.ހޯރަފުއްޓަށް ދަތުރުކުރަމުންދިޔަ މީހުން މިއަދު 16:40 ހާއިރު ވަނީ އެ ރަށްތަކަށް ގެންގޮސްދީފައެވެ.

ހަމައެއާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ދޯނި ސްޓާޓްކުރުމަށް ބޭނުންވާ ތެޔޮ، ދޯންޏަށް ފޯރުކޮށްދީފައެވެ.