މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ތާރީޚް: 26-07-2023, 10:30


ދިވެހިރާއްޖޭގެ ފަޚުރުވެރި 58 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު، ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ.

ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަޑައިގަތުމުން އެ ދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ސިފައިން، ދިވެހި ޤައުމީ ދިދަ ނަގައި ނިމުމުން ސިފައިންގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ސިފައިންގެ ދިދަ ވެރީންނެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ، ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އޮތް ޚާއްޞަ ދުޢާއެއް ކުރުމުންނެވެ.

މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ވަޒީރުންނާއި، ދަޢުލަތުގެ ޢިއްޒަތްތެރީންްނާއި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.