ތިލަފުށި ފަޅުތެރޭގައި އޮތް ބައު ބޯޓެއްގައި ރޯވި އަލިފާން، އެފްއާރުއެސްގެ ފަޔަރމަނުން ނިއްވާލައިފި

ތާރީޚް: 12-08-2023, 16:46


ކ.ތިލަފުށި ފަޅުތެރޭގައި އޮތް ބައު ބޯޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނާއި، އެފްއާރުއެސް މާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 12:07 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތްކޮށްފައެވެ. އަދި، މިއަދު 01:13 ހާއިރު، އެފްއާރުއެސް މާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ތިލަފުށްޓަށް ގޮސް، ގުޅިގެން ކުރި މަސައްކަތުން، ބޯޓުގެ އެތެރޭގައި ހުރި ފޯމްތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު 15:53 ހާއިރެވެ.

"މިފްކޯ 101" ނަމަކަށް ކިޔާ މި ދަގަނޑު ބޯޓްގެ އެތެރޭގައި އަލިފާން ރޯވީ، އެ ބޯޓު ޝިޕްރެކަކަށް ބަދަލުކުރުމަށް އެ ބޯޓުގައި ހުރި ފްލޯޓްވާ ބައިތައް ކެފުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށެވެ.