ނޮދަން އޭރިއާ ކޮމާންޑުގެ އެފްއާރުއެސް ކޮމްޕޯނަންޓުން ނައިވާދޫގައި ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 17-08-2023, 09:35


އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެފްއާރުއެސް ކޮމްޕޯނަންޓުން ހދ.ނައިވާދޫގައި ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ހދ.ނައިވާދޫގައި ކުރިއަށް ގެންދިޔަ ފަޔަރ އެވެއަރނަސް ކުލާހުގެ ފުރަތަމަ ސެޝަން އަމާޒުކުރީ އެ ރަށު ސްކޫލުގެ ގްރޭޑް 7، 8، 9 އަދި 10 ގެ ދަރިވަރުންނަށެވެ. އެ ރަށު ސްކޫލުން ޖުމްލަ 30 ދަރިވަރުން ބައިވެރިވި މި ސެޝަނުގައި އެ ދަރިވަރުންނަށް، އަލިފާން ރޯވާގޮތާއި، އަލިފާން ރޯވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި، ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މީގެއިތުރުން، ހދ.ނައިވާދޫގައި ދިރިއުޅޭ އަންހެނުންނަށް އަމާޒުކޮށް، ހަމަ އެ ދުވަހު ކުރިއަށް ގެންދިޔަ ފަޔަރ އެވެއަރނަސް ކުލާހުގެ ދެވަނަ ސެޝަނުގައި އެ ރަށުން ޖުމްލަ 30 ކަނބަލުން ބައިވެރިވިއެވެ. ތިޔަރީއާއި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ރޯވާގޮތާއި، އަލިފާން ރޯވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި، އަލިފާން ނިއްވާނޭ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި، ކައްކާ ގޭހާ ބެހޭ މަޢުލޫމާތާއި، ގޭސްފުޅި ގުޅާނޭގޮތާއި، ގޭސް ލީކުވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި، އުނދުނަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ. ހަމައެއާއެކު، ކޮންމެ ބައިވެރިއެއް ލައްވައި ޢަމަލީގޮތުން ރެގިއުލޭޓަރ ގުޅައި، ރެގިއުލޭޓަރ ނައްޓަން ދަސްކޮށްދިނުމުގެ އިތުރުން، ފަޔަރ ބުލޭންކެޓު ބޭނުންކޮށް އަލިފާން ނިއްވަން ވަނީ ދަސްކޮށްދީފައެވެ.

މި ސެޝަންތަކުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ މި ދާއިރާއިން  ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެފްއާރުއެސް ކޮމްޕޯނަންޓުގެ ސިފައިންނެވެ.