ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގެ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި

ތާރީޚް: 17-08-2023, 11:09


ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ، "ކްލާސް އޮފް 2028" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހީންނަށް ހުޅުވާލައިފިއެވެ.

2024 ވަނަ އަހަރުގެ ޖޫން މަހުގައި، އެމެރިކާގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަމުގައި ވުމާއި، ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ، 2024 ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނެއެވެ. އަދި، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއްކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮަަ، ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ޓެސްޓްތަކަކީ (SAT,ACT) ކޯހަށް އެޕްލައިކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެކެވެ. 4 އަހަރުގެ މުއްދަތަށް، ބެޗަލަރސް ޑިގްރީ ފެންވަރަށް ކުރިއަށް ގެންދާ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 6 ޖާގައަށެވެ. ސިފައިންގެ ވަޒީފާގައި މިހާރު ނޫޅޭ ފަރާތެއް މި ކޯހަށް ހޮވިލައްވައިފިނަމަ، ހޮވިލައްވާ ފަރާތެއް ސިފައިންގެ ވަޒީފާއަށް ވެއްދޭނެއެވެ. 

މި ކޯހުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެރޮނޮޓިކަލް އިންޖިނިއަރިންގ، އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިންގ، ސައިބަރ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިންގ އަދި މީޓިއޮރޮލޮޖީ ހިމެނެއެވެ. މީގެއިތުރުންވެސް، މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކަޑަމީއާ ބެހޭ މަޢުލޫމާތު، އެކަމަޑަމީގެ އޮފިޝަލް ވެބްސައިޓް www.usafa.edu އިން ލިބިލައްވާނެއެވެ.

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2023 އޮގަސްޓް 31 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ދުރުވެ، އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި، ފޯމް ހުށަހަޅުއްވަން ދުރުވެ، 9871235 ނަންބަރަށް ގުޅުއްވުމަށް އެދެމެވެ. ނުވަތަ، އެމްއެންޑީއެފް ޓްރެއިނިންގް ޑިޕާޓްމަންޓްގެ މެއިލް: (trgcoord@mndf.gov.mv)  އަށް މެއިލް ކޮށްދެއްވުމަށް އެދެމެވެ. ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv)  އިން ޑައުންލޯޑު ކުރެވޭނެއެވެ. ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގްގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 2156 އަށް ގުޅުއްވުން އެދެމެވެ.