ހދ.ކުޅުދުއްފުށީގައި އެމްއެންޑީއެފުން މިލިޓަރީ ޕެރޭޑު ބާއްވައިފި

ތާރީޚް: 26-08-2023, 21:00


އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް ހދ.ހަނިމާދޫއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން  ސިފައިންގެ މިލިޓަރީ ޕެރޭޑް މިއަދު ހަވީރު ހދ.ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
މިއަދު ހަވީރު ހދ.ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޕެރޭޑް ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ. މިއަދުގެ ޕެރޭޑުގައި ކުޅުދުއްފުށި ސްކޫލްތަކުގެ ކެޑޭޓުން ވެސް ބައިވެރިވިއެވެ.
މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު އެރަށުގެ ރައްޔިތުންނާއި ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވެއެވެ. އަދި ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.
ސިފައިންގެ މިލިޓަރީ ޕެރޭޑް، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ތިން ރަށެއްގައި ބާއްވާނެއެވެ. އެގޮތުން، މި ޕެރޭޑް މާދަމާ (27 ވަނަ ދުވަހު) އޮންނާނީ، ހއ.ދިއްދޫގައެވެ. މީގެ އިތުރުން، މި މަހުގެ 28 ވަނަ ދުވަހުގެ ޕެެރޭޑް ހއ.އިހަވަންދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، އެންމެ ފަހު ރަށެއްގެ ގޮތުގައި މި މަހުގެ 29 ވަނަ ދުވަހު ހދ.ނޮޅިވަރަންފަރުގައި ޕެެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަށްތަކުގައި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ. ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.
އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުމެވެ.