ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ޑިންގީ ކޯސްޓްގާޑުން ހޯދައިފި

ތާރީޚް: 31-08-2023, 17:21


ޅ.ނައިފަރުން ފުރައިގެން ރ.އުނގޫފާރަށް ދަތުރުކުރަމުންދިޔަ ޑިންގީއެއްގެ ޚަބަރެއް ނުވެގެން، ޑިންގީ ހޯދުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ކުރި މަސައްކަތުން ޑިންގީ ހޯދައިފިއެވެ.

މި ޑިންގީގެ އިންޖީނު ހުއްޓި އޮޔާގޮސް ގެއްލިފައިވާ ކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:00 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދެއް އެ ޑިންގީ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ޑިންގީ ފެނިފައިވަނީ، މިއަދު 12:50 ހާއިރު، ރ.އުނގޫފާރުގެ އިރުދެކުނުން 12 ނޯޓިކަލް މޭލު ބޭރުންނެވެ. މި ޑިންގީ ފެނުނުއިރު، ޑިންގީން ދަތުރުކުރި ހަތަރު ފިރިހެނުންގެ ހާލު ވެސް ރަނގަޅެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ބެލުމުގެ ދަށުން، މި ޑިންގީ މިހާރު ވަނީ ވެރިފަރާތުން ގެނައި ލޯންޗެއްގެ ކަފުޖަހައިގެން މިއަދު 15:15 ހާއިރު ރ.އުނގޫފާރަށް ގެންގޮސްފައެވެ.