ވެގަ ޕޮއިންޓް ފިހާރައިގައި ރޯވި އަލިފާން، އެފްއާރުއެސްގެ ފަޔަރފައިޓަރުން ނިއްވާލައިފި

ތާރީޚް: 06-09-2023, 07:52


ގަލޮޅު ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:37 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، މާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތް ފަށާފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށްނިއްވާލެވުނީ މިއަދު ހެނދުނު 06:17 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ފިހާރައިގައި ހުރި މުދާތައް އެއްކޮށް އަނދާފައިވާއިރު އިމާރާތައް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިިބިފައެވެ. މީގެއިތުރުން ފިހާރައާއި އިންވެގެން ހުރި ބައެއް އިމާރާތްތަކަށާއި މަގުމަތީގައި ހުރި ބައެއް އުޅަނދުތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްގެން އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.