ތާރީޚް: 20-09-2023, 21:39
ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވިގެން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު ޝްރީލަންކާގެ 5 މަސްބޯޓް، މާލެ ގެނެސް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވޭ ޝްރީލަންކާގެ މި މަސްބޯޓްތައް އެމްއެންޑީއެފް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ރާއްޖޭގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 03" އިން ކުރި ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ. މިގޮތުން މި މަސްބޯޓުތަކުގެ ތެެެެެރެއިން 4 ބޯޓް ފެނިފައިވަނީ މި ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ.ކާށިދޫގެ އިރުން ގާތްގަޑަކަށް 85 މޭލު ބޭރުންނެވެ. އަދި 5 ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެންބަރު 18 ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ.އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުންނެވެ. މިހާރު މި ބޯޓްތައް ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ސެޕްޓެންބަރު 20 ވަނަ ދުވަހު މާލެ ގެނެސް ދޫނިދޫ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައެވެ.
މި ފުރުޞަތުގައި ދިވެހި މަސްކަނޑުތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ގެންދާ މަސައްކަތްތަކުގައި މަސްވެރިން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
© mndf 2020 | All rights reserved.