ތިލަފުށީގައިއޮތް "ވާލިޔާ 7" ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯންޏެއްގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 10:20 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ތިލަފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން، ދޯނި އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މިހާދިސާގައި އެ ދޯނީގައި އެވަގުތު ތިބި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމް ހޮސްޕިޓަލަށްވަނީ ގެންދެވިފައެވެ.
"ވާލިޔާ 7" ދޯނީގައި އަލިފާން ރޯވިކަމަށް މަޢުލޫމާތު ލިބިފައިވަނީ ދޯންޏަށް ތެޔޮ ބަރުކޮށްގެން އިންޖީނު ސްޓާޓްކޮށްލި ވަގުތު ސްޕާކެއް ވެގެންނެވެ. ހާދިސާ ހިނގިއިރު ދޯނީގައި 20 ހާސް ލީޓަރުގެ ތެޔޮ ބަރުކޮށްފައި ހުއްޓެވެ.
އަލިފާންރޯވިދޯނި ފަޅުން ބޭަރަށް ނެރެ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ދަނިކޮށްވަނީ އަޑިއަށްގޮސްފައެވެ. އަދި މިހާރު ދޯނީގައި ހުރި ތެޔޮ ޓޭންކުތައް ފެނުން މައްޗަށް އަރާފައިވާތީ، އެ ޓޭންކުތައް އެސަރައްދުން ނެގުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަންގެ ސިފައިންވަނީ ފަށާފައެވެ.