ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި

ތާރީޚް: 03-11-2023, 15:17


ދިވެހިރާއްޖޭގެ ފަޚުރުވެރި 35 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
 
ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. 
 
މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ޤައުމީ ބަޠަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.
 
މި ރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް އާކުރުން އޮތްއިރު، ސިފައިންގެ ޢަޒުމް އާކޮށްދެއްވީ އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.
 
މި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.