އެމްއެމްއޭގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށްގެންގޮސްފި

ތާރީޚް: 11-11-2023, 16:15


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފުންނަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ބޭސިކް ފަޔަރ އެވެއާނަސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
 
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ހަތަރު ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކުލާސްތައް ބާއްވާފައިވަނީ ނޮވެންބަރު 6، 7، 8 އަދި 9 ވަނަ ދުވަހުއެވެ. މި ކުލާސްތަކުގައި އެ އިދާރާގެ ޖުމްލަ 160 މުވައްޒަފަކު ބައިވެރިވިއެވެ. އަދި މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ މުދައްރިބުންނެވެ.
 
މި ކުލާސްތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ. އަދި މި ކުލާސްތަކުގައި، ބައިވެރިން ވަނީ ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކޮށްގެން އަލިފާން ނިއްވަން ފަރިތަކޮށްފައެވެ.