ސިފައިން ސިޔާސީ ފަރާތްތަކާ ބައްދަލުކުރުން ޑިފެންސް މިނިސްޓްރީން މަނާކުރައްވައިފި
10 އޯގަސްޓް 2016 19:50

ދިވެހި ސިފައިން ސިޔާސީ ފަރާތްތަކާ ބައްދަލުކުރުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން މިއަދު މަނާކުރައްވައިފިއެވެ.

ސިފައިންގެ މީހަކު، ސިފައިންގެ އިސްވެރިއެއްގެ ހުއްދަ ނެތި، ދައުލަތުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާއި، ޤާނޫނަކުން ކަނޑައަޅާފައިވާ އިންތިޚާބެއްގައި ބައިވެރިވާ ކެނޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، އެކްޓިވިސްޓުންނާއި، ޑިޕްލޮމެޓުންނާއި، ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ބޭފުޅުންނާއި، މިނޫނަސް ރާއްޖޭން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރުމާއި އެފަދަ ފަރާތްތަކާއެކު އިޖުތިމާއީ އެއްވުންތަކަށް ދިއުމާއި ބައިވެރިވުންވަނީ މަނާކަމެއްކަމުގައި ޑިފެންސް މިނިސްޓްރީން ހަމަޖައްސާފައެވެ.

ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ދިވެހި ދައުލަތް ޙިމާޔަތްކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމުގައި  މެދުކެނޑުމެއްނެތި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ދިވެހި ދައުލަތުން އުފައްދާފައިވާ އަސްކަރީ ލަޝްކަރެކެވެ. ސިފައިންނަކީ ވަކިފަރާތަކަށް ބުރަވުމެއްނެތި، އިންސާފުވެރިކަމާ ތެދުވެރިކަމާއެކު ޤައުމީވާޖިބު އަދާކުރަންޖެހޭ ބަޔަކަށްވާއިރު ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތީން ޢަމަލުތައް ބަހައްޓާ އެންމެހާ ނުފޫޒުތަކުންނާއި ސިޔާސީކަންކަމުން ސިފައިން އެއްކިބާވާންޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ސިފައިންނަށް އަންގަވާފައެވެ.


Video : 4th Indian Ocean Conference...