އެމްއެންޑީއެފް އިން އިމިގްރޭޝަންގެ މުވައްޒަފުންނަށް ޞިއްޙީ ފުރަތަމަ އެހީއާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017 17:34

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މުވައްޒަފުންނަށް ޞިއްޙީ ފުރަތަމަ އެހީއާ ބެހޭ ތަމްރީނު ޕްރޮގްރާމެއް އެމްއެންޑީއެފް މެޑިކަލް ސަރވިސްއިން ފަށައިފިއެވެ.

ސެނަހިޔަ އޮޑިޓޯރިއަމްގައި މިއަދު ފެށި މި ތަމްރީނު ޕްރޮގްރާމްގައި އެ މުއައްސަސާގެ 19 މުވައްޒަފެއް ބައިވެރިވެފައިވެއެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ސީޕީއާރު (ކާޑިއޯޕަލްމޮނަރީ ރެސަސިނޭޝަން) އާއި، އޭއީޑީ (އޮޓޮމޭޓެޑް އެކްސްޓާނަލް ޑީބްރިލޭޓަރ) ދޭނެ ގޮތުގެ އިތުރުން ޞިއްޙީ ފުރަތަމަ އެހީއާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީ، ޢަމަލީ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި، ލޭމަނާކުރާނެ ގޮތުގެ ހުނަރުތަކާއި، ހަށިގަނޑުގެ ތަންތަން ފިހުމުން ޢަމަލުކުރާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. އަދި، ބެންޑޭޖުކުރުންފަދަ އަސާސީ ބައެއް ހުނަރުތައްވެސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް މެޑިކަލް ސަރވިސްގެ މުދައްރިބުންނެވެ.