ސިފައިންގެ ވަޒީފާއަށް ޕައިލެޓުންނާއި އެއަރކްރާފްޓް އިންޖިނިއަރުން ހޯދުމަށް އިއުލާނުކޮށްފި
31 ޖެނުއަރީ 2017 16:56

އެމްއެންޑީއެފްގެ އެއަރވިންގަށް ބޭނުންވާ ޕައިލެޓުންނާއި އެއަރކްރާފްޓް އިންޖިނިއަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން 2017 ޖެނުއަރީ 26 ވަނަ ދުވަހު ކުރައްވާފައިވާ އިއުލާނުގައި ވާގޮތުން އެމްއެންޑީއެފްގެ ވަޒީފާއަށް ފުރުޞަތު ހުޅުވާލާފައި ވަނީ ތިން ޕައިލެޓުންނާއި ހަތަރު އެއަރކްރާފްޓް އިންޖިނިއަރުންނަށެވެ.

ޕައިލެޓްގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ކޮމާޝަލް ޕައިލެޓް ލައިސަންސް އޮތުމާއި ކްލާސް 1 ކެޓަގަރީގެ މެޑިކަލް ސެޓްފިކެޓް އޮތުމުގެ އިތުރުން ޖީ.ސީ.އީ އޯލެވެލްގެ ސައިންސް ސްޓްރީމުން މަދުވެގެން 3 މާއްދާއިން ފާސްވެފައި އޮތުން ހިމެނެވެ. މީގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއްކަމުގައިވުމާއި ލޮލުގެ ފެނުން 6/6 ގައި ހުރުމާއި ކަންފަތުގެ އިވުން ފުރިހަމައަށް ހުރި މީހެއް ކަމުގައި ވެސްވާން ޖެހެއެވެ.

ޕައިލެޓް މަޤާމުގެ ރޭންކަކީ ލެފްޓިނަންޓް މަޤާމެވެ. ނަމަވެސް މިވަޒީފާ ފުރަތަމަ ހަމަޖައްސައިދެވޭނީ ޕްރައިވެޓް ރޭންކަށެވެ. އެއަށްފަހު އަސާސީ ތަމްރީނާއި، ސިފައިންގެ ޕައިލެޓަކަށްވުމަށް ހަދަންޖެހޭ ތަމްރީނުތަކާއި، އަދި ޓައިޕް ޓްރޭނިންގ ހެދުމުން އޮފިސަރ ކޯރގެ ލެފްޓިނަންޓް ރޭންކަށް ބަދަލު ކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެއަރކްރާފްޓް އިންޖިނިއަރުންގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ބޭސިކް އެއަރކްރާފްޓް އިންޖީނިއަރ ދާއިރާއިން ޑިގްރީއެއް އޮތުމާއި ޞިއްހީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވާންޖެހެއެވެ. އަދި ޖީސީއީ އޯލެވެލް ސައިންސް ސްޓްރީމުން މަދުވެގެން ތިން ފާސް އޮތުމާއި އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުމުގެ އިތުރުން ކަންފަތުގެ އިވުން ފުރިހަމައަށް ލިބިފައިވާ ފަރާތެއްކަމުގައި ވެސް ވާންޖެހެއެވެ.

އެއަރކްރާފްޓް އިންޖިނިއަރުންގެ ރޭންކަކީ ވޮރަންޓް އޮފިސަރ ގްރޭޑް1 ގެ މަޤާމެވެ. ނަމަވެސް މިވަޒީފާ ފުރަތަމަ ހަމަޖައްސައިދެވޭނީ ޕްރައިވެޓް ރޭންކަށެވެ. އެއަށްފަހު އަސާސީ ތަމްރީނާއި، ސިފައިންގެ އެއަރ ކްރާފްޓް އިންޖީނިއަރަކަށްވުމަށް ހަދަންޖެހޭ ތަމްރީނުތަކާއި، އަދި ޓައިޕް ޓްރޭނިންގ ހެދުމުން ވޮރަންޓް ކޯރގެ ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެ މަޤާމަށް ބަދަލު ކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ސިފައިންގެ ވަޒީފާއެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2017 ފެބުރުވަރީ  1 އިން ފެށިގެން   2017  ފެބުރުވަރީ 28 ގެ ނިޔަލަށެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ  2017 ފެބުރުވަރީ 18 އިން ފެށިގެން 2017 މާރިޗު 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު 3322607 އަށް ގުޅުމަށްފަހު އެކްސްޓެންޝަން ނަންބަރު  3440, އަދި 3153  އިން ލިބިވަޑައިގަންނަވާނެވެ. މިމަޤާމުތަކާބެހޭ އިތުރު މަޢުލޫމާތު ސަރުކާރު ގެޒެޓްސްގައި ވަނީ ޝާއިޢު ކުރެވިފައެވެ.  އަދި ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު އެމްއެންޑީއެފް ވެބްސައިޓް: www.mndf.gov.mv  އިން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.