ކަނުހުރާ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް ނިންމާލައިފި
03 ފެބްރުއަރީ 2017 11:40

އެމްއެންޑީއެފް ނޮދަން އޭރިއާގައި ހިމެނޭ ކަނުހުރާ މޯލްޑިވްސް ރިސޯޓްގެ މުވައްޒަފުންނަށް، ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކަނުހުރާ މޯލްޑިވްސް ރިސޯޓްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯސް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ކޯހުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާނެ ފަޔަރމަނުންތަކެއް ތަމްރީނުކޮށް، އުފެއްދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ތަމްރީނުތައް ހިންގުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެފްއާރުއެސްއަށް ޑިފެންސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސިފައިންނަކީ، އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ޤައުމީ ވާޖިބަށް އިސްކަންދޭ، ތެދުވެރި ހިތްވަރުގަދަ ބައެއް ކަމަށާއި، އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންނާއި މުދާ ސަލާމަތްކުރުމުގެ އިތުރުން، ކަމާއި ގުޅޭ ތަމްރީނުދީ ހޭލުންތެރިކުރުވުމަށް ސިފައިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ރައްޔިތުންނާއި މުދާ ސަލާމަތްކުރުމުގައި ދިވެހި ރައްޔިތުންނަށް ވެދެއްވެންއޮތް ފުރިހަމަ އެހީތެރިކަން އެމްއެންޑީއެފުން އަބަދުވެސް ވެދެއްވަމުން ގެންދާނެ ކަމުގެ ޔަޤީން ކަން ޑިފެންސް މިނިސްޓަރ ދެއްވިއެވެ.

2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް، ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގަ އާއި ކަނުހުރާ މޯލްޑިވްސް ރިސޯޓުގައި ކުރިއަށްގެންދިޔަ މި ކޯހުގައި އެ ރިސޯޓުގެ 15 މުވައްޒަފަކު ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައި ވެއެވެ.

މި ކޯހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ވަނީ ދަސްކޮށްދެވިފައެވެ.

އެފްއާރުއެސްއިން ކަނުހުރާ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި މި ކޯހުގައި ކިޔަވައިދެއްވާފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުދައްރިބުންނެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިން ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ހަރަކާތްތެރިވާނެ ގޮތުގެ ފަރިތަކުރުންތަކެއް ދައްކާލާފައެވެ. މި ތަމްރީނު ކޯހަކީ ރިސޯޓުތަކުގައި ޤާއިމުކުރެވޭ އިންޑަސްޓްރިއަލް ފަޔަރ ސްކޮޑުގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ މަސައްކަތް ކުރެވޭ ފެންވަރަށް ޢިލްމާއި ހުނަރު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގި ކޯހެކެވެ.

މި ރަސްމިއްޔާތުގައި ކަނުހުރާ މޯލްޑިވްސް ރިސޯޓުގެ ފަރާތުން އެމްއެންޑީއެފަށް ވަނީ ހަނދާނީ ޝީލްޑެއް އަރުވާފައެވެ. މި ހަނދާނީ ޝީލްޑް އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އެ ރިސޯޓުގެ މެނޭޖްމަންޓުގެ ފަރާތުން މައިކަލް ލޫކް އެވެ. މި ހަނދާނީ ފިލާ އާއި އެމްއެންޑީއެފުން ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފު ޢުމަރެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދު އާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ މޭޖަރ ޢަލީ ސަލީމް އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިސް އޮފިސަރުންގެ އިތުރުން ކަނުހުރާ މޯލްޑިވްސް ރިސޯޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.