ޚަބަރެއްނުވެގެން ހޯދަމުންދިޔަ ތިން މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި
05 ފެބްރުއަރީ 2017 00:08

02:10- ޚަބަރެެއްނުވެގެން ހޯދަމުންދިޔަ ތިންމީހުން އެމްއެންޑީއެފް ކޯސްޓްގާޑް އިން ހޯދައިފިއެވެ.

މި ތިން މީހުން ހޯދާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ވެލާނާ އަދި ހަކުރާގެ ނައިޓް ވިޜަން ކެމެރާގެ އެހީގައެވެ. މި ތިންމީހުން ފެނިފައި ވަނީ ކ.ވާދޫގެ ދެކުނުން އެއް މޭލު ބޭރުން، ބަނޑުން ޖަހާލާފައި އޮތް ޑިންގީގެ މަތީގައި ތިއްބައެވެ. މި އެންމެންގެވެސް ހާލު ރަނގަޅެވެ. މި ތިން މީހުން މިރޭ 01:45 ހާއިރު ވަނީ ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ގައި މާލެ ގެނެސްދީފައެވެ.

---- ---- ---- ---- ----

ޑިންގީއެއްގައި މަސްހިފަން މޫދަށްފޭބި ތިންމީހެއްގެ ޚަބަރެެއްނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިރޭ 21:50 ހާއިރު ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ އެސަރަހައްދަށް ގޮސް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ޑިންގީއެއްގައި މަސް ހިފުމަށް އެނބޫދޫ ފިނޮޅުކައިރިއަށް ނިކުތް ފަސް މީހުންގެ ތެރެއިން ތިންމީހުންވެ. ޑިންގީގައި ތިބި މީހުންގެ ތެރެއިން ދިވެއްސަކާއި ބިދޭސީއަކު ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ވަނީ ނަގާފައެވެ. މި ދެމީހުން ކޯސްޓްގާޑަށް ނަގާފައިވަނީ ކައިރި ފިނޮޅަކަށް އަރައިތިއްބައެވެ. ޚަބަރެއް ނުވެގެން ހޯދަމުންދާ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިނާއި ބިދޭސީއެކެވެ. އަދި މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާގައި ޑިންގީވެސް ވަނީ އެ ސަރަހައްދަށް ގެއްލިފައެވެ.

މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް އިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ސަަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ. ޚަަބަރެއް ނުވެގެން ހޯދަމުންދާ މި މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވުން އެދެމެވެ.