ކަނޑު އުޅަނދުފަހަރު ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
12 ފެބްރުއަރީ 2017 13:02

ކަނޑުމަތީގައި ހިނގާފާނެ އަލިފާނުގެ ހާދިސާތައް މަދުކުރުމުގެ ގޮތުން ކަނޑު އުޅަނދުފަހަރު ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް އިން މިއަދު ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ، މާލޭގައި އަލިފާނުގެ ޙާދިސާތައް ހިނގުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި މާލޭގައި ހުރި ގުދަން، ވޯރކްޝޮޕް އަދި ހޮޓާ ރެސްޓޯރެންޓްތައް ބަލާ ފާސްކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ ހިރާސްފާސް އޮޕަރޭޝަނުގެ ތެރެއިން، ކަނޑު އުޅަނދުފަހަރު ބަލާފާސް ކުރުމުގެ ގޮތުން ފެށި އޮޕަރޭޝަނެކެވެ.

މާލޭ ނޯތު ހާބަރ ސަރަޙައްދުގައި މިއަދު ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދާނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި ކަނޑު އުޅަނދުފަހަރުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި، އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ހާލަތު ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަން ކުރިއަށްދާއިރު، އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް މިހަފުތާގެ ނިޔަލަށް މާލެއާއި ވިލިމާލެއާއި އަދި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 12 އަށް ކުރިއަށްދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްއެންޑީއެފް ހުރިހާ އޭރިއާތަކެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.