ރ. ރަސްގެތީމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން ހިންގި ކޮމިޔުނިޓީ އެވެއަރނަސް ޕްރޮގްރާމް ނިންމާލައިިފި
13 ފެބްރުއަރީ 2017 19:40

ރ. ރަސްގެތީމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން ހިންގި ކޮމިޔުނިޓީ އެވެއަރނަސް ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރ. ރަސްގެތީމު ސްކޫލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދެވެ. މިމަހުގެ 10 ވަނަ ދުވަހު ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮހްރާމްގައި ރ.ރަސްގެތީމު ސްކޫލުގެ 44 ދަރިވަރުންނާއި އެސްކޫލްގެ 33 ސްޓާފުންގެ އިތުރުން 19 ބެލެނެވެރިއަކު ވަނީ ބައިވެރިވެފައެވެ.

މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ވަނީ ބައިވެރިންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ޕްރޮގްރާމްގައި، ކިޔަވާ ދީފައިވާ މާއްދާތަކުގެ ތެރޭގައި ޞިއްޙީ ފުރަތަމަ އެހީ ދިނުމާއި، އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުވުމާއި ގުޅޭ މަޢުލޫމާތު ދިނުމާއި ފަތަން ދަސްކޮށްދޭ ކުލާސްތަކުގެ އިތުރުން ލީޑަރޝިޕް އެންޑް ފޮލޯވަރޝިޕް ޕްރޮގްރާމަކާއި، ހަށިހެޔޮކަން އިތުރުކުރުމުގެ ގޮތުން ބައެއް ހަރަކާތްތައް ވެސް ވަނީ ހިންގާފައެވެ.

ރ.ރަސްގެތީމު ކައުންސިލް އިދާރާ އާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި، ކިޔަވައިދީފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގައި ތިބި، ތަޖުރިބާކާރު ސިފައިންނެވެ.

މިޕްރޮގްރާމް ނިންމުމުުގެ ރަސްމިއްޔާތުގައި ރ.ރަސްގެތީމު ސްކޫލުގެ މެނޭޖްމަންޓާއި ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ބައިވެރިވެލެއްވިއެވެ.