ކާށިދޫ ބޮޑު ކަނޑަށް ދެ މީހުންނާއެކު ދޯންޏެއް ބަންޑުން ޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
14 ފެބްރުއަރީ 2017 10:23

ކާށިދޫ ބޮޑު ކަނޑަށް ދެ މީހުންނާއެކު ދޯންޏެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:20 ހާއިރު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް، ހަކުރާ ލޯންޗު މާލެ އިން އެ ސަރަޙައްދަށް ދިޔުމަށް ދަތުރުކުރަމުން ދާއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޅ.މާފިލާފުށިން ފުރައިގެން އެ ސަރަޙައްދަށް ދިޔުމަށް ވަނީ ފުރާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބީ ދިވެއްސަކާއި ބިދޭސީއެކެވެ. އަދި، އެ ސަރަޙައްދުން ދަތުރުކުރި އއ. މާޅޮސް "ރަމްޒު" ނަމަކަށް ކިޔާ ދޯންޏަކަށް މި ދެ މީހުން ކަނޑުމަތިން ފެނިގެން މިހާރު ވަނީ އެ ދޯންޏަށް ނަގާފައެވެ. 35 ފޫޓްގެ މި ދޯނި ބަންޑުން ޖަހާލާފައިވަނީ ޅ.ކުރެންދޫން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރަމުން ދަނިކޮށެވެ.