ހއ.އިހަވަންދޫގައި އެމްއެންޑީއެފް އިން ހިންގާ މަލްޓިމީޑިއާ ކޯސް ނިންމުމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިއްޖެ
15 ފެބްރުއަރީ 2017 11:36

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 އަށް އެކްރެޑިޓްކޮށްގެން ފުރަތަމަފަހަރަށް އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން އިހަވަންދޫގައި ހިންގާ މަލްޓިމީޑިއާ އެންޑް ވެބްޑިޒައިނިންގ ކޯސް ނިންމުމަށް ޚާއްޞަ ރަސްމިއްޔާތެއް އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

2016 ނޮވެމްބަރު 12 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އިހަވަންދޫގައި ހިންގަމުންދާ މި ކޯހުގައި 178 ފަރާތެއް ބައިވެރިވެފައިވާއިރު، މީގެތެރޭގައި އިހަވަންދޫ ސްކޫލުގެ ދަރިވަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ ބޭފުޅުންނާއި، ޒުވާނުންނާއި، ގިނަ އަދަދެއްގެ އާންމުންގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ހަ ކުއްޖަކުވެސް މި ކޯހުގައި ދަނީ އުނގެނެމުންނެވެ.

މި ކޯހުގައި ބައިވެރިވި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ކޯހުގެ ކުލާސްތަކަށް ހާޟިރު ކުރުމާއި، ގެއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ ކޯހުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ ސިފައިންނެވެ. އަދި މި ކޯހުގެ އިންތިޒާމްތައް ހަމަޖައްސައިދެވިފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހައިން ކުލާސް ރޫމްގައި ތިބެވޭ ގޮތަށެވެ.

އިހަވަންދޫގައި ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ މަލްޓިމީޑިއާ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށް، ކަމުގެ ޢިލްމާއި ހުނަރު ލިބިފައިވާ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 2 މުޙައްމަދު ޔާމީން އެެވެ.

މި ކޯސް ނިންމުމަށް، ކުލަގަދަ ޚާއްޞަ ރަސްމިއްޔާތެއް އެމްއެންޑީއެފް އާއި އިހަވަންދޫ ކައުންސިލް އިދާރާއާއި ރަށުގެ ރައްޔިތުން ގުޅިގެން ފަހުގެ ތާރީޚެއްގައި ބޭއްވުމަށް އަންނަނީ ތައްޔާރީތައްވަމުންނެވެ.