ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިގެން ކޯސްޓްގާޑް އިން ހަރަކާތްތެރިވާން ފަށައިފި
15 ފެބްރުއަރީ 2017 12:57

ބ.އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ބ.ހިރުނދު ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި "އަނގިރި - 15" ނަމަކަށްކިޔާ ކޮޅުވެއްޓި މާލެ އަތޮޅު އަކިރިފުށި ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރޭ ދަންވަރު ގާތްގަނޑަކަށް 02:00 ހާއިރު މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އަނގިރި ޖޮއިންޓް ވެންޗާ ކުންފުނީގެ މި ކޮޅުވެއްޓި ފަރަށް އެރިއިރު އޭގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީންނެވެ.

މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިިނުވާއިރު، މި ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތުގައި އުޅަނދު ވެރިފަރާތަށް އެހީތެރިވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ޙަރަކާތްތެރިވަމުންނެވެ.