ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރަން
16 ފެބްރުއަރީ 2017 11:42

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސް ވަރަކަށްވެފައި، މޫސުމާބެހޭ އިދާރާއިން މެދުރާއްޖެތެރެއަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. އަދި މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުރޭއްވެވުމަށާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުއްވުމަށްފަހު ދަތުރުތައް ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ތަފާތު ގިނަ ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ދަނީ ލިބެމުންނެވެ. އެހެންކަމުން، ދަތުރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރެއްވުމާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން، އެފަދަ ކުޅިވަރުތައް ރާވާ ހިންގެވުމަށް އިލްތިމާސްކުރަމެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ދަންނަވަމެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އިލްތިމާސް ކުރަމެވެ.