ހުއިފިލަނޑާ ނެގުމަށް ޑައިވިންގއަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި
16 ފެބްރުއަރީ 2017 19:54

އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނެގުމަށް ޑައިވިންގއަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 15:45 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓް އުޅަނދު "މާފަތް" ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދަނީ ނުވަ މީހުންނާއެކު ދަތުރު ކުރި ރ.ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނިން ހުއިފިލަނޑާ ނަގަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނޭ ށ.ޅައިމަގު އެވަރެސްޓް، އުމުރުން 23 އަހަރުގެ އަޙްމަދު ޖައިލަމެވެ. އަޙްމަދު ޖައިލަމް ޑައިވިންއަށް ފޭބިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 13:15 ހާއިރު އެވެ. އަދި، ޑައިވިންގއަށް ފޭބީ މެންދުރު 14:00 ގައި މައްޗަށް އަރާ ގޮތަށްކަމަށް އެ ދޯނިން މަޢުލޫމާތު ދީފައި ވެއެވެ. އަޙްމަދު ޖައިލަމް ޚަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ އޭނާއާއެކު ޑައިވިންއަށްދިޔަ ދެ މީހުން މައްޗަށް އެރިއިރު ވެސް، އަޙްމަދު ޖައިލަމްގެ ޚަބަރެއް ނުވުމާ ގުޅިގެންނެވެ.

ޑައިވިންއަށް ފޭބިއިރު، އަޙްމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި އަދި ކަޅުކުލައިގެ ބީސީޑީ (ޑައިވިންގ ޖެކެޓް) އެކެވެ. އަދި ހުދުކުލައިގެ ފިންސަކަށް އަރާފައި ހުރި އިރު، އަޅައިގެންހުރީ ކަޅު ކުލައިގެ މޫނުމައްޗެކެވެ. މީގެ އިތުރުން އަތުގައި ރަތް ކުލައިގެ ބެލޫނެއް ވާނެ ކަމަށާއި އަޙްމަދު ޖައިލަމުގެ އިސްކޮޅުގައި ފަސްފޫޓް ހަ އިންޗި ހުންނަ ކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ. މީނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

މީނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބައްލަވައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެކެވެ. އަޙްމަދު ޖައިލަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި ދެއްވުން އެދެމެވެ.