ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް ޔޫއޭއީ އަށް ފުރާވަޑައިގެންފި
16 ފެބްރުއަރީ 2017 20:07

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިރޭ ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް، ޗީފް އޮފް ޑިފެންސް ފޯސް، ޔޫއޭއީ އަށް ކުރައްވާ މި ދަތުރުފުޅަކީ، މިމަހުގެ 18 އިން 23 އަށް އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "13 ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސް (IDEX 2017)" ގައި ބައިވެރިވެލެއްވުމަށް، ޗީފް އޮފް ސްޓާފް އޮފް ދަ ޔޫއޭއީ އާމާޑް ފޯސަސް ދެއްވި ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.