ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމަށް ސަރުކާރުން ފެއްޓެވި ޤައުމީ ކެމްޕޭން "މަވެސް ޖަހައިފިން" އެމްއެންޑީއެފްގައި ފަށައިފި
26 ފެބްރުއަރީ 2017 12:38

ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމަށް ސަރުކާރުން ފެއްޓެވި ޤައުމީ ކެމްޕޭން "މަވެސް ޖަހައިފިން" އެމްއެންޑީއެފްގައި ފަށައިފިއެވެ.

މިކެމްޕޭން އެމްއެންޑީއެފްގައި ފެއްޓުމަށް މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކެމްޕޭން ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ. އެމްއެންޑީއެފްގައި މި ކެމްޕޭން ފެއްޓުމުގެ ގޮތުން އޮފިސަރަކަށާއި އެންލިސްޓެޑް ރޭންކުގެ ސިފައިންގެ މީހަަކަށާއި ސިފައިންގެ އަންހެނަކަށް ވަނީ ވެކްސިން ޖަހާފައެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާ، އަދި ވެކްސިން ޖެހި ފަރާތްތަކަށް ވެކްސިން ކާޑު ހަވާލުކޮށްދެއްވާފައެވެ.

މި ކެމްޕޭނަކީ 2020  ވަނަ އަހަރުގެ ކުރިން ސައުތު އޭޝިއާ ސަރަހައްދުން ހިމަބިހި ނައްތާލުމަށް ކުރަމުންދާ ކެމްޕޭނުގައި ދިވެހިރާއްޖެއިން މިއަހަރު ހިމަބިހި ނައްތާލުމަށް ސަރުކާރުން ކުރަމުންދާ ކެމްޕޭނުގައި ބައިވެރި ވުމުގެ ގޮތުން ސިފައިން ފެއްޓި ކެމްޕޭނެކެވެ. އެމްއެންޑީއެފްގައި މި ކެމްޕޭނު ކުރިއަށްގެންދަނީ އެމްއެންޑީއެފް މެޑިކަލް ސަރވިސް އާއި ސެނެހިޔަ ހޮސްޕިޓަލް ގުޅިގެންނެވެ. މިކެމްޕޭން ހިނގަމުންދާ ދުވަސްވަރު އާންމުންނަށާއި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ވެސް ސެނެހިޔަ ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މިކެމްޕޭން ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި މެރިންކޯރގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުޙައިރާއި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންގެ އިތުރުން އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.