ކަނޑުމަތިން ހާލުގައި ޖެހުނު ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބްރުއަރީ 2017 21:48

ކަނޑުމަތިން ހާލުގައި ޖެހުނު ބަޔަކަށް އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންއިން މިއަދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު، މިއަދު 14:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކާޑެއްދޫ ޕޯސްޓްގައި އޮތް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު ވަނީ އެސަރަޙައްދަށް ގޮސްފައެވެ. އަދި ހާލުގައި ޖެހުނު ޑިންގީގައި ތިބި ހަތަރު އަންހެނުންނާއި ކުޑަކުއްޖަކު ނަގައިގެން، މިއަދު އިރުއޮއްސި 18:30 ހާއިރު ގދ.ތިނަދޫއަށް ވަނީ ގެންގޮސްދީފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންއިން މިއަދު އެހީތެރިކަން ފޯރުކޮށްދީފައިވަނީ، ގދ.ވާދޫން ފުރައިގެން ގދ.ތިނަދޫއަށް ދަތުރުކުރަމުންދަނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހުނު ޑިންގީއެއްގައި ތިބި ބަޔަކަށެވެ. ގދ.ފަރެސްމާތޮޑާ އާއި ގދ. ތިނަދޫއާ ދޭތެރޭ އޮންނަ އެ އަތޮޅު މާހުއްޓިގަލަ ކައިރިން މި ޑިންގީ ހާލުގައި ޖެހުނުއިރު، އޭގައި 4 އަންހެނުންނާއި ކުޑަކުއްޖެއްގެ އިތުރުން ކެޕްޓަނާއި ދެ ފަޅުވެރިއަކު ދިޔައީ ދަތުރުކުރަމުންނެވެ.

މި ޑިންގީގައި ދަތުރުކުރީ ހުސް ދިވެހިންނެވެ. އަދި، މިހާދިސާގައި އެ ޑިންގީން ދަތުރުކުރި އެންމެންގެ ހާލު ރަނގަޅެވެ.