ޚަބަރެއް ނުވެގެން ހޯދަމުންދިޔަ "ބްލޫ ފިޝް" ދޯނީގެ ޚަބަރެއް ވެއްޖެ
27 ފެބްރުއަރީ 2017 03:16

ކަންނެލި މަސްވެރިކަމަށް ނުކުތް ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ހއ.ތުރާކުނު "ބްލޫ ފިޝް" ދޯނީގެ ޚަބަރެއް މިރޭ ވެއްޖެއެވެ.

ބާރަ މީހުންނާއެކު މަސްވެރިކަމަށް ނުކުތް މި ދޯންޏާ މިރޭ ގާތްގަނޑަކަށް 01:40 ހާއިރު ގުޅުނުއިރު، އެ ދޯނި އޮތީ ކ.ދިއްފުށީ ބޭރުގައެވެ. އަދި، އެ ދޯނި މަސްވެރިކަމަށް ނުކުތްފަހުން އުޅުނީ ރާއްޖޭގެ ބޭރު ކަނޑަށް ނުކުމެ މަސްވެރިކަމުގައި ކަމަށް އެ ދޯނިން މަޢުލޫމާތު ދީފައިވެއެވެ. އަދި މަސްވެރިކަން ކުރުމަށް ބޭރު ކަނޑަށް އެ ދޯނިން ނިކުމެފައިވަނީ އެއްވެސް ފަރާތަކަށް އެކަން ޙިއްސާ ނުކޮށްކަމުގައި ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. "ބުލޫ ފިޝް" ދޯންޏާ ގުޅުނުއިރު، އެ ދޯނި ދަތުރުކުރަމުން ދަނީ މާލެ އައުމަށެވެ. އަދި، ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ވަނީ މަޢުލޫމާތު ދީފައެވެ.

"ބުލޫ ފިޝް" ދޯނީގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އަދި، "ބުލޫ ފިޝް" ދޯނި ފެނިފައި މިވަނީ އެ ދޯނި ހޯދުމަށް އިންޑިއަން ނޭވީގެ ސަވައިލަންސް އެއަރކްރާފްޓެއްގެ އެހީގައި ވައިގެ މަގުން މިއަދު ހެނދުނު މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. އަދި އެ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑު ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" ލޯންޗު ދިޔައީ އެ ދޯނި ހޯދުމަށް ކަނޑުމަގުން އެ ސަރަޙައްދު ބަލަމުންނެވެ.