ފީނަން ފޭބި ފަތުރުވެރިޔަކު ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި
05 މާރޗް 2017 23:11

ފުވައްމުލަކު ދެކުނުން ގާތްގަނޑަކަށް އެއްމޭލު ބޭރުގައި އޮންނަ ފުވައްމުލަކު ތިލަ ނަމަކަށްކިޔާ ޑައިވިންގ ޕޮއިންޓްގައި އޮތް ސަފާރީއަކުން ޑައިވްކުރުމަށް ފޭބި ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހޯދަން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އަށް ލިބިފައިވަނީ މިރޭ 18:55 ހާއިރުއެވެ. މި ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއެކު އެމްއެންޑީއެފް ފާސްޓްއިންޓަރސެޕްޓަރ ކްރާފްޓް ވެލާނާ އެ ސަރަޙައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

20 މީހުންނާއެކު ޑައިވިން ކުރަން ފޭބި 45 އަހަރުގެ ފިރިހެން ފަތުރުވެރިޔާ މޫދަށް ފައިބައިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 17:10 ހާއިރުއެވެ.

މި ފަތުރުވެރިޔާ ޑައިވިންގއަށް ފޭބިއިރު ލައިގެން ހުރީ އަޅިކުލައިގެ ރޭސްގާޑް ( ޑައިވް ޓީޝާޓް ) އެކެވެ. އަދި ކަޅުކުލައިގެ މާސްކެއް އަޅާފައިވާއިރު، އަރައިގެން ހުރީ ކަޅުކުލައިގެ ފިންސަކަށެވެ. މި މީހާ ހޯދުމުގެ މަސައްކަތް އެމްއެެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

މި ފަތުރުވެރިޔާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ.