އެމްއެންޑީއެފް ނޮދަން އޭރިއާއިން ނ.އަތޮޅުގެ ދެ ރަށެއްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ފަށައިފި
10 މާރޗް 2017 18:24

އެމްއެންޑީއެފް ނޮދަން އޭރިއާއިން ނ.ހެނބަދޫ އާއި ނ.ހޮޅުދޫގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް މިއަދު ފަށައިފިއެވެ.

މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާއިން ނ.ހެނބަދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަދު ހެނދުނު ފަށާފައިވާއިރު، މިއަދު މެންދުރުފަހުން ފެށިގެން ނ.ހޮޅުދޫގައި ކޮމިޔުނިޓީ އެވެއަރނަސް ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.

ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ ނ.ހެނބަދޫ ސްކޫލްގެ އެދުމުގެ މަތިން، އެ ސްކޫލުގެ ގްރޭޑް 4 އިން ފެށިގެން ގުރޭޑު 10 އާ ހަމައަށް ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮންގެން ހިންގާ ޕްރޮގްރާމެކެވެ. މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިންނަށް ފްލޯޓް ކުރާނެ ގޮތާއި ކިކް ޖަހާނެ ގޮތުގެ އިތުރުން ފެތުމުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ. ފަތަން ދަސްކޮށްދޭ މި ޕްރޮގްރާމުގައި ނ.ހެނބަދޫ ސްކޫލްގެ 80 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، ނ.ހޮޅުދޫ މޭނާ ސްކޫލު ދަރިވަރުންނާއި، ސްކޫލުގެ މުވައްޒަފުން އަދި އެރަށު ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޮމިޔުނިޓީ އެވެއަރނަސް ޕްރޮގްރާމްގައި، ޞިއްޙީ ފުރަތަމައެހީ ދިނުމާ ގުޅޭގޮތުންނާއި، އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުވުމުގެ އިތުރުން، ލީޑަރޝިޕް އެންޑް ފޮލޯވަރޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހޮޅުދޫގައި ހިންގާ، ޞިއްޙީ ފުރަތަމައެހީއާ ގުޅޭ ކުލާސްތަކުގައި، ޞިއްޙީ ފުރަތަމައެހީ ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، ކުއްލި ހާލަތެއްގައި ޞިއްޙީ ފުރަތަމައެހީ ދޭނެ ގޮތް ކިޔަވައި ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ހޮޅުދޫ މޭނާ ސްކޫލު ދަރިވަރުންނާއި ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކުލާސްތަކުގައި ތިއަރީ ބައިގެ އިތުރުން ޕްރެކްޓިކަލް ބައިތައްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ސެޝަންތަކުގައި، އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދަސްކޮށްދިނުމާއި، އަލިފާން ނިއްވަން ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެގޮތްތައް އަމަލީގޮތުން އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފަޔަރ އިވެކުއޭޝަން ޑްރިލްއެއްވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާއިން ކުރިއަށްގެންދާ މި ޕްރޮގްރާމްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ  އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނެވެ.