ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި
13 މާރޗް 2017 18:34

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ސ.މަރަދޫ "އޮއިވަރު" ނަމަކަށް ކިޔާ މި ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު  ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އޭރު މިދޯނި އަންނަނީ މަސް ބޭނުމަށް ރާއްޖޭގެ އުތުރަށް ދަތުރުކުރަމުންކަމަށްވެސް ދޯނީ ގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތުދެއެވެ. 13 ދިވެހިންނާއިއެކު މަސްވެރިކަމު ނިކުތް މި ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މަޢުލޫމާތު ލިބިފައި ވަނީ މިއަދު 16:10 ހާއިރުއެވެ.

78 ފޫޓުގެ މިދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާކަމާއި ދޯނީގެ ގެ ގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތުލިބިފައި ވެއެވެ.

މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ.