މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި
16 މާރޗް 2017 15:14

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

15 މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު "ފަހިރޯދި" ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށާއި، މިދޯނި މަސްވެރިކަމަށް ނުކުމެފައިވަނީ ކ.ގާފަރުގެ އިރުމަތި ފަރާތަށް ކަމަށް އެ ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

ކ.ގާފަރުގައި ދުއްވާ މި ދޯންޏަކީ، ދިގުމިނުގައި 90 ފޫޓް އަދި ދޯނީގެ ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، ދޯނީގެ ގެގަނޑުގައި ހުދު ދަވާދު ލާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭގުޅޭ ނަމްބަރު 191 ގުޅުއްވައި ދެއްވުމަށް އެދެމެވެ.