އއ.މަތިވެރީގައި ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި
02 އޭޕްރީލް 2017 00:19

އެމްއެންޑީއެފް މާލޭ އޭރިއާއިން އއ.މަތިވެރީގައި ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު އއ. މަތިވެރި ތުނޑީ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މިއަދު މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. އަދި، ޗީފް އޮފް ޑިފެންސް ފޯސް އަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، މަތިވެރި ސްކޫލު ދަރިވަރުން ވަނީ އެރަށުގެ ބަނދަރުމަތީގައި ޘަޤާފީ ހަރަކާތްތަކެއް ދައްކާލާފައެވެ.

އއ.މަތިވެރީގައި ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑަރ ކާނަލް އަބްދުއްރަޢޫފްވަނީ ޕްރޮގްރާމުގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އއ.މަތިވެރީގައި ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ އެރަށު ކައުންސިލަށާއި މަތިވެރި ސްކޫލަށާއި މަތިވެރި އަންހެނުންގެ ކޮމިޓީއަށް ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ހަނދާނީ ފިލާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

2017 ފެބުރުވަރީ 19 އިން މާރިޗު 25 ގެ ނިޔަލަށް އއ.މަތިވެރީގައި ހިނގުނު "ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް" އާއި "ދުޅަހެޔޮ ސިއްޙަތަކަށް- ކަސްރަތު" ޕްރޮގްރާމުގައި 187 ފަރާތެއް ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މިގޮތުން "ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް" 108 ދަރިވަރުން ފުރިހަމަކޮށްފައިވާއިރު "ދުޅަހެޔޮ ސިއްޙަތަކަށް- ކަސްރަތު" ޕްރޮގްރާމުގައި 79 ފަރާތެއް ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ ކައުންސެލިންގގެ ފަރާތުން "ނަފްސުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކައުންސެލިންގ ކުލާސްތަކެއް މާރިޗު މަހު 16 ން 18 އަށް ހިންގާފައިވެއެވެ. މި ކުލާސްތަކުގައި 90 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

އއ. މަތިވެރީގައި އެމްއެންޑީއެފް މާލޭ އޭރިއާއިން ހިންގި ޕްރޮގްރާމްތަކަކީ އއ. މަތިވެރި ކައުންސިލާ ގުޅިގެން ހިންގުނު ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.

އއ. މަތިވެރީގައި އެމްއެންޑީއެފް މާލޭ އޭރިއާއިން ހިންގި ޕްރޮގްރާމްތައް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އއ.މަތިވެރި ކައުންސިލްގެ އިސް ބޭފުޅުންނާއި ޕްރޮގްރާމްތަކުގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.