އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ޢަމަލު ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖަރ ޑިފެންސް މިނިސްޓަރ ނެރެދެއްވައިފި
03 އޭޕްރީލް 2017 17:41

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ޢަމަލު ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރު ނެރެދެއްވައިފިއެވެ.

މި އެސްއޯޕީ ނެރެދެއްވާފައި ވަނީ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގޮތުން ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފެށި ވޯކްޝޮޕް ނިންމުމަށް ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި އެސްއޯޕީގައި އުސް އިމާރާތްތަކުގެ ހިނގާފާނެ އަލިފާނުގެ ހާދިސާތަކާއި މި ފަދަ ހާދިސާތަކުގައި އެލާޓްކުރެވޭނެ ގޮތްތަކާއި ބޭނުންކުރާނެ އާލާތްތަކާއި އެންމެ ފުރަތަމަ ހަރަކާތްތެރިވާނީ ކިތައްޓީމްކަން ވަނީ ކަނޑައަޅާފައެވެ.

މިވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. އަދި ޝަރަފުވެރި މެހެމާނު ވަނީ ވޯކްޝޮޕްގެ ބައިވެރިންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިރަސްމިއްޔާތުގައި މަރުޙަބާއާއި ޝުކުރު ދެންނެވީ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދުﷲ ޒުޙުރީއެވެ.

މިވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދުﷲ ޒުޙުރީއާއި އެޔުނިޓްގެ ބައެއް އޮފިސަރުންނާއި ވޯކްޝޮޕްގައި ބައިވެރިވި ސިފައިން ބައިވެރިވެފައި ވެއެވެ.