ކޮންޓެއިނަރ އުފުލާ ދޯންޏެއް ކަނޑުމަތިން އެކްސިޑެންޓްވެ ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ އިން ހަރަކާތްތެރިވާން ފަށައިފި
04 އޭޕްރީލް 2017 09:56

"ބަންދާ" ނަމަކަށް ކިޔާ 90 ފޫޓުގެ ކޮންޓެއިނަރ އުފުލާ ދޯންޏެއް ކަނޑުމަތިން ހިނގި އެކްސިޑެންޓަކާއި ގުޅިގެން ދިޔަ ވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަމުގެ ރިޕޯޓް ރޭ ދަންވަރު 12:16 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެސަރަހަށްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި ދޯނި ދިޔަވާން ފެށީ ގދ.ގައްދޫ އާއި ފަސް ނޯޓިކަލް މޭލު ހުޅަނގު ދެކުނުން ދަތުރުކުރަމުން ދިޔަ އެސްޓީއޯގެ ތެޔޮ ބާޖް "ގުރާބް" ގައި ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުންނެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ފަޅުވެރިންގެ ގޮތުގައި ދެ ދިވެހިންނާއި ތިން ބިދޭސީން ދަތުރުކުރިއެވެ. މި ފަޅުވެރިން ވަނީ އެސްޓީއޯގެ ތެޔޮ ބާޖަށް ނަގާފައެވެ. މި ހިނގި އެކްސިޑެންޓާއި ގުޅިގެން "ބަންދާ" ދޯނި ވަރަށް ބޮޑަށް ދިޔަވެފައި ވާއިރު ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ދޯނި ފެންމަތިކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުގެ ޑައިވަރުންނާއި ދޯނީގެ ވެރިފަރާތް ގުޅިގެން ދަނީ ކުރަމުންނެވެ.