އެމްއެންޑީއެފް ކޯސްޓްގާޑުން، ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންނަށް މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި
06 އޭޕްރީލް 2017 09:47

އެމްއެންޑީއެފް ކޯސްޓްގާޑުން، ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންނަށް މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި އެވެ.

އިއްޔެ ފެށި މި ޕްރޮގްރާމުގައި މޫދުގައި އުޅޭއިރު ދިމާވެދާނެ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ތަޖުރިބާކާރު ނުވަ މުދައްރިބުންގެ އިރުޝާދާއެކު ހިންގަމުންދާ މި ޕްރޮގްރާމް މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، އެ ރިސޯޓުގެ 40 މުވައްޒަފަކު މި ޕްރޮގްރާމްގައި ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި، ކަނޑުމަތީގައި ހާލުގައި ޖެހުމުން ޢަމަލު ކުރާނެ ގޮތާއި، ހާލުގައި ޖެހިފައިތިބޭ މީހުން ސަލާމަތްކުރާނެ ގޮތްތައް އަދި މޫދުގައި ދިމާވާ ތަފާތު ހާދިސާތަކުގައި ޒަޚަމްވާ ފަރާތްތަކަށް އަވަސް ފަރުވާދިނުން ފަދަ މުހިންމު މަޢުލޫމާތުތައް ދިނުމަށް ހަމަޖެހިފައިވެއެވެ.