ދިޔަވަމުންދާ ދޯންޏެއްގައި ތިބި މީހުން ސަލާމަތްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
07 އޭޕްރީލް 2017 21:19

މާލެއިން ފުރައިގެން ށ.އަތޮޅަށް ދަތުރުކުރަމުންދިޔަ "ބްލެކް ޕާލް" ނަމަކަށް ކިޔާ ދޯންޏަކަށް ދިޔަވެ އަޑިއަށްދާތީ، އެ ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިރޭ 20:15 ހާއިރު އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، "ބްލެކް ޕާލް" ދޯނި ކ.ކާށިދޫގެ ހުޅަނގުން 10 ވަރަކަށް މޭލު ބޭރުގައި ވަނިކޮށް، ހާލުގައި ޖެހިފައިވަނީ، މި ދޯނީގެ އިންޖީނު ރޫމަށް ދިޔަވާން ފެށުމުންނެވެ. ށ.އަތޮޅުގެ އެކި ރަށްރަށަށް ޓާފް ހިފައިގެން ދަތުރުކުރަމުން ދަނިކޮށް މި ދޯނި އަޑިއަށްދާން ފެށިއިރު، މި ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީންނާއެކު ހަތަރު މީހުން ތިއްބެވެ. އަދި، މި މީހުން އެސަރަޙައްދުން ދަތުރުކުރި މާލެ ދަތުރުކުރާ އެހެން ބޯޓަކަށް މިހާރު ނަގާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.