ދިރާގުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ބީއޭ ފިލިންގ ކޮމްޕްރެސަރެއް ހަދިޔާކުރައްވައިފި
09 އޭޕްރީލް 2017 15:28

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމްޓެޑް (ދިރާގު) އިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ބްރީތިންގ އެއަރ (ބީއޭ) ފިލިންގ ކޮމްޕްރެސަރެއް ހަދިޔާކުރައްވައިފިއެވެ.

މިއަދު އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއެވެ. މި ރަސްމިއްޔާތުގައި، ދިރާގުގެ ފަރާތުން ހަދިޔާ ކުރެއްވި ބީއޭ ފިލިންގ ކޮމްޕްރެސަރގެ ރަމްޒީ ލިޔުމާ އެމްއެންޑީއެފްގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ ޒުހުރީއެވެ. އަދި، ދިރާގުގެ ފަރާތުން މި ލިޔުން އެމްއެންޑީއެފްއާ ޙަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަލްފާޟިލް އިސްމާޢީލް ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ދިރާގުގެ ފަރާތުން އެމްއެންޑީއެފްއަށް ބީއޭ ފިލިންގ ކޮމްޕްރެސަރ ހަދިޔާކޮށްދެއްވާފައިވާތީ، އެމްއެންޑީއެފްގެ ފަރާތުން އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިރާގަކީ އެމްއެންޑީއެފްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުންފުންޏެއްކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީގައި ދިރާގުން އެމްއެންޑީއެފްއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.

ބްރީތިންގ އެއަރ ފިލިން ކޮމްޕްރެސަރަކީ، ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާއިރު ނޭވާލުމަށް ބޭނުންކުރާ ފުޅި ރިފީލް ކުރުމަށް ބޭނުންކުރާ މެޝިނެކެވެ. މި ރަސްމިއްޔާތުގައި، އެފްއާރުއެސްއިން ތައްޔާރުކޮށްފައިވާ ބީއޭ ފިލިންގ ރޫމް ރަސްމީކޮށް ހުޅުވައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ. އަދި، ދިރާގުން ހަދިޔާކުރެއްވި މެޝިން ބޭނުންކޮށްގެން ވައި ފިލްކުރާނެ ގޮތުގެ ޑެމޮންސްޓްރޭޝަނެއް މި ރަސްމިއްޔާތުގައި ވަނީ ދައްކާލާފައެވެ.

ގާތްގަނޑަކަށް ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ އަށްވުރެ އަގުބޮޑު، މި ކޮމްޕްރެސަރުން އެއްފަހަރާ 4 ސިލިންޑަރ ގުޅައިގެން ފިލްކުރުމުގެ ގާބިލްކަން ލިބިގެންވެއެވެ. މި ކޮމްޕްރެސަރގެ ސަބަބުން ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ މަސައްކަތަށް، ޚާއްސަކޮށް ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާއިރު ފަޔަރ ފައިޓަރުން ދުމުގެ ތެރެއަށް ވަންނަން ބޭނުންކުރާ ބްރީތިންގ އެޕަރޭޓަސް ފިލްކުރުމަށް ކުރިން ހޭދަވާ ވަގުތު އެތައް ގުނައެއް ކުޑަވާނެއެވެ. މި ކޮމްޕްރެސަރަކީ ކޮންމެ 3 މިނެޓަކުން ސިލިންޑަރެއް ފިލްކުރުމުގެ ޤާބިލުކަން ލިބިފައިވާ ފުލް އޮޓޮމެޓިކް ސިސްޓަމެކެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ ޒުހުރީ އާއި އެފްއާރުއެސްގެ ސީނިއަރ އޮފިސަރުންނާއި އެ ޔުނިޓުގެ ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން ދިރާގުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.