މެޑިސިންގ ދާއިރާއިން އެމްއެންޑީއެފަށް ލިބިފައިވާ ފުރުޞަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިފި
11 އޭޕްރީލް 2017 17:52

އިންޑިއާ ޕޫނާގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖުން މެޑިސިންގ ދާއިރާއިން އުނގެނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ލިބިފައިވާ 2 ޖާގައަށް، ޝައުޤުވެރިވާ ދިވެހީންނަށް އެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާކަމަށް ސަރުކާރު ގެޒެޓްގައި މިއަދު ވަނީ ޝާއިޢުކޮށްފައެވެ.

އިންޑިއާ ޕޫނާގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖުން އެމްއެންޑީއެފަށް ލިބިފައި ވަނީ "އެމްޑީ ކޮމިއުނިޓީ މެޑިސިންގ ކޯސް" އަދި އެމްޑީ ޖެނެރަލް މެޑިސިން ކޯސް" އެވެ. މިއިން ކޮންމެ ކޯހަކުން އެމްއެންޑީއެފަށް އެއް ޖާގަ ލިބިފައިވާއިރު މި ދެ ކޯހުގެ ޚަރަދު ހަމަޖައްސަނީ އެމްއެންޑީއެފާއި އިންޑިއާ ސަރުކާރާއި ގުޅިގެންނެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މިކޯހަށް ކުރިމަތިލެވޭ ޝަރުޠުތަކުގެ  ތެރޭގައި އެމްބީބީއެސް ކޯސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައި ވުމާއި ކޯހަށް އެދި ހުށަހަޅާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓެއްކަމުގައި ވާންޖެހެއެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ޚިދުމަތް ކުރުމަށް އެއްބަސްވާ ފަރާތެއްކަމުގައި ވުމާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ރަނގަޅަށް ފަތަން ދަންނަ ހަށިހެޔޮ ފަރާތެއް ކަމުގައި ވާންޖެހޭ ކަމުގައި ވެސް ކޯހުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެވެ.

މިކޯހަށް ޝަރުޠުހަމަވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި  ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު 2017 އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފަށް ހުށަހެޅަން ޖެހެއެވެ. ކޯސް އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ވެބްސައިޓް mndf.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ. މިކޯހާއި ބެހޭ އިތުރު މަޢޫލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 7737368 ނަންބަރު މޯބައިލް ފޯނަށް ގުޅުއްވުން އެދެމެވެ.