ހަތަރު ޤައުމެއްގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިކޮށްގެން ހިންގި ފަސް ވަނަ ބޭސިކް ޑައިވިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
13 އޭޕްރީލް 2017 14:50

ހަތަރު ޤައުމެއްގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިކޮށްގެން އެމްއެންޑީއެފުން ހިންގި ކޯސްޓްގާޑުގެ ފަސް ވަނަ ބޭސިކް ޑައިވިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން މިއަދު ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. އަދި ކޯހުން ފާސްވި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމެވެ. މި ކޯހުން ފާސްވި ދަރިވަރުންނަށް ބެޖު ހަވާލުކޮށްފައިވަނީ ކަނޑު އަޑީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްވަނީ ދަރިވަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

2017 ޖަނަވަރީ 15 އިން ފެށިގެން 2017 އޭޕްރިލް 13 ގެ ނިޔަލަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގި މި ކޯހުގައި 16 ސިފައިން ބައިވެރިވެފައިވެއެވެ. މިކޯހުގައި ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ފަސް ސިފައިން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާގެ ސިފައިންނެވެ.

މި ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ ލާންސް ކޯޕްރަލް ޙަސަން ރަޝީދެވެ. މި ކޯހުގެ ފިޓެސްޓް ޑައިވަރުގެ މަޤާމް ޕްރައިވެޓް ޙަސަން ނަސީމް ހޯދިއިރު ކޯހުގެ ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައިވަނީ ސްރީލަންކާގެ އާރުއެމްއެސްއެމް ރަނަތުންގައެވެ. އަދި ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައިވަނީ ލާންސް ކޯޕްރަލް އިސްމާޢީލް ހަމީޒްއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި މި ކޯހުގައި ދަރިވަރުންނަށް ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓް އެއިޑް، މިޝަން ޕްލޭނިންގ، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ހިމެނެއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން ޕްރަޝާންތް ހާންޑޫއާއި އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރައްވާ އޮފިސަރުން ބައިވެރިވެލެއްވިއެވެ.