ސިފައިންގެ ދުވަހުގެ ޝަރަފުގެ ހިނގާލުން މާލޭ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ
20 އޭޕްރީލް 2017 12:48

125 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށީ އުތުރުގޭޓުން ނުކުމެގެން އަމީނީމަގުން އިރަށްގޮސް، ދަރުބާރުގޭ ކައިރިން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، ކަޅުތުއްކަލާކޮއްޓަށް ވަންނަގޮތަށެވެ. މި ޝަރަފުގެ ހިނގާލުން ފަށާނީ މަދަމާ ހަވީރު 16:15 ގައި ކަޅުތުއްކަލާކޮށިންނެވެ.

ޝަރަފުގެ ހިނގާލުމުގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވަނީ، ސިއްތިމާވާ ހިނގުން އަމީނީމަގާއި ގުޅޭ ހަތަރުއަނގޮޅި ކަންމަތީގައާއި، ބޮޑުތަކުރުފާނު މަގުން ދަރުބާރުގޭ ކުރިމައްޗަށް އަދި މެރީބްރައުން ކުރިމަތީގައެވެ. ލަޝްކަރު ހުއްޓިގެން ތިބޭ ވަގުތު، ސިފައިންގެ ބޭންޑުގައި ރާގުތައް ހިމެނޭ ޑިސްޕްލޭއެއް ދައްކާލުން އޮންނާނެއެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.