ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
21 އޭޕްރީލް 2017 08:16

125 ވަނަ ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ސިފައިންގެ ދިދަ ނަގާފައި ވަނީ ދިދަބިސީންނެވެ.

ދިދަނެގުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވަނީ ސިފައިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ދިވެހި އަސްކަރިއްޔާ އަކީ މި ޤައުމުގެ ސިލްމާއި ސަލާމަތާއި މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި އެންމެ ވަރުގަދަ އައްޑަނަ ކަމަށާއި، ދިވެހި ޤައުމަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދިން މުއައްސަސާއަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި، ސެނަހިޔަ ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިއަހަރު ކުރިއަށް ގެންދެވޭނެ ކަމަށާއި އަދި ސެނަހިޔާގައި އާ ޑިޕާރޓްމަންޓްތައް އެކުލަވާލެވި އެތަންތަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެން ހުރި ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ ވަނީ، ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު ޢިއުލާނު ކޮށްދެއްވާފައެވެ. ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރަކީ "އަސްކަރީ އަޚުލާޤު – ސިފައިންގެ ނާރެސް" އެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި މި ޝިޔާރުގެ މުހިންމު ކަމާ ބެހޭގޮތުން އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

ސިފައިންގެ އަހަރީ އައްޑަނަ މަޖައްލާގެ 21 ވަނަ އަދަދު، މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވަނީ ނެރެދެއްވާފައެވެ. މިރަސްމިއްޔާތު ނިމިގެން ދިޔަޢީ ޚާއްޞަ ދުޢާ ދެންނެވުމަށްފަހު ސިފައިންގެ ލަވައިންނެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ ސިފައިންގެ އިސް ޚިދުމަތްތެރިން ބައިވެރިވެލައްވާފައިވެއެވެ.

125 ވަނަ ސިފައިންގެ ދުވަސް ފެށުމުގެ ގޮތުން ސިފައިންގެ އޭރިއާތަކުގައިވެސް ދިދަނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ވަނީ ކުރިއަށްގެންގޮސްފައިވެއެވެ.