އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ ހުޅުމާލޭގައި ބާއްވައިފި
28 އޭޕްރީލް 2017 17:55

125 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދާ ހަރަކާތްތަކުގެތެރޭގައި، އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ ހުޅުމާލޭގައި ބާއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު 16:30 ބޭއްވި މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބަލާލުމަށްޓަކައި ގިނައަދަދެއްގެ އާންމުންނާއި ޚާއްޞަކޮށް ކުޑަކުދިން ޖަމާވެ، ހޫނު ތަރުހީބެއް ވަނީ ދީފައެވެ. މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ދައްކާލުންތަކަށްފަހު ޑިސްޕްލޭގައި ބައިވެރިވި ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު އެސަރަޙައްދަށް ޖަމާވި އާންމުންނަށާއި ކުޑަކުދިންނަށް ވަނީ ދީފައެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.

125 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދާ ހަރަކާތްތަކުގެތެރޭގައި، އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ މާދަމާ ހަވީރު 17:15 ގައި ވިލިމާލޭ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.