މާލެ ދަތުރުކުރި އިންޑިއާގެ ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
01 މެއި 2017 08:04

ހދ.ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރި އިންޑިއާގެ މުދާ އުފުލާ ބޯޓެއް ކ.ހެލެނގެލި ރިސޯޓްގެ ދެކުނަށް އޮންނަ ފަރުގެ އިރުމަތީފަރާތަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ތަރުކާރީއާއި ބައެއް އާންމު މުދާ ހިފައިގެން ދަތުރުކުރި "އެމްއެސްވީ ދައުލަ 1" ނަމަކަށްކިޔާ މި ބޯޓް ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝްން ސެންޓަރަށް ލިބިފައިވަނީ ފަތިހު 5:10 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމުން ޑިއިވަރުންގެ ޓީމަކާއެކު އެމްްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓެއް ވަނީ ބޯޓް އޮތް ސަރަހައްދަަށްގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އިންޑިއާގެ އަށް ރައްޔިތަކު ދަތުރުކުރި މި ބޯޓަކީ 35 މީޓަރުގެ ބޯޓެކެވެ. ހދ.ކުޅުދުއްފުށީ ސަރަަހައްދީ ބަނދަރުން ކްލިއަރެންސް ހެދުމަށްފަހު މާލެ ދަތުރުކުރި މި ބޯޓް ފުންކުރުމުގެ މަސައްކަތް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ބޯޓްގެ ވެރިފަރާތް ގުޅިގެން އަންނަނީ ކުރަމުންނެވެ.