ދަތުރުކުރަމުންދިޔަ ޓަގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އަވަސް ފަރުވާއަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުޅުދުއްފުއްޓަށް ގެންގޮސްފި
03 މެއި 2017 20:57

އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ޓަގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ހދ.ކުޅުދުއްފުއްޓަށް ގެންގޮސްފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 10:50 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، ޑޮކްޓަރުންގެ ޓީމަކާއެކު ޅ.ނައިފަރުން ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗު ވަނީ، އެ ޓަގު ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރާފައެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުނުއިރު، "ވިލާ ޓަގު 2" ބޯޓު އޮތީ ޅ.މަޑިވަރުގެ އިރުއުތުރުން 153 ނޯޓިކަލް މޭލު ބޭރުގައެވެ.

މި ބަލި މީހަކީ، އުމުރުން 49 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ. އަދި، މި ބަލިމީހާ މިރޭ 20:10 ހާއިރު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްދެވިފައެވެ.