ސިފައިންގެ އާއިލީ ހަވީރު ފަށައިފި
12 މެއި 2017 20:37

125 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނިގެން ބާއްވާ ސިފައިންގެ އާއިލީ ހަވީރު ރަސްފަންނު ސަރަހައްދުގައި މިއަދު ފަށައިފިއެވެ.

ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ދެ ދުވަހަށް ކުރިއަށްގެންދާ ސިފައިންގެ އާއިލީ ހަވީރު ހުޅުވުމުގެގޮތުން ރަސްފަންނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އާއިލީ ހަވީރު ހުޅުވައިދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އަލްފާޟިލް އަބްދުއްރަޝީދު ޙުސައިންނެވެ.

މިއަހަރުގެ ސިފައިންގެ އާއިލީ ހަވީރު "އައިލެންޑް ލައިފް" މި ތީމްއަށް ހާއްސަކޮށްފައިވާއިރު މި އާއިލީ ހަވީރުގައި ދިވެހިންގެ ދިރިއުޅުމުގެ އެހާރާއި މިހާރުގެ އާދަކާދަތަކާއި ދިވެހިން ކުރަމުންދިޔަ ބައެއް މަސައްކަތްތަކާއި ސިފައިންގެ ޚިދުމަތްތައް ދައްކުވައިދޭ ސްޓޯލްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ހަރަކާތްތަކާއި ސްޓޭޖް އައިޓަމްތައްވެސް މި އާއިލީ ހަވީރުގައި ކުރިއަށްގެންދިޔައެވެ.

މީގެ އިތުރުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމާއި ރިޔަލު ދޯނި ދުއްވާލުމުގެ ފުރުޞަތާއި އަދި އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައްވެސް މި އާއިލީ ހަވީރުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި އާއިލީ ހަވީރުގައި ގިނަ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުންވަނީ ބައިވެރިވެފައެވެ.

މި އާއިލީ ހަވީރު މާދަމާ ހަވީރު 16:00 އިން 18:00 އަށް ރަސްފަންނު ސަރަހައްދުގައި އޮންނާނެއެވެ. އަދި މާދަމާއަކީ މި އާއިލީ ހަވީރުގެ ފަހު ދުވަހެވެ.

ސިފައިންގެ އާއިލީ ހަވީރު  ހުޅުވުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.